"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައިފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 487 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފަ އެވެ.

ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް 8 ޖޫން 2019 ގާއިމްކުރި އެވެ. އެކަމަކު މި އެއްބަސްވުން ސިއްރުކުރުމުން، އިދިކޮޅުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ގާއިމްކުރުން ހިމަނާފައިވެ އެވެ.

ރާއްޖެ - އިންޑިއާ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން އެ ގައުމަށް މާލީ ބޮޑެތި ފައިދާތަކެއް ކުރާނެކަން މީގެ ކުރިން ވަނީ ހާމަވެފަ އެވެ.

އެކަން ހާމަވީ، އިންޑިއާއާ އެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފްގެ އިސް ވެރިން ދެއްކެވި ވާހަކަތަކުންނެވެ.