އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަަލައިގައި އޭނާ މަރާލި މީހުންގެ ފަރާތުން ބޭނުމީ މަރުގެ ދިޔަކަމަށް ޔާމީން ރަޝީދުގެ މަންމަ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޝަރީއަތުގައި ވާރިސުންގެ ބަހާ ގުޅޭގޮތުން ސުވާލު ކުުރުމުން ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ ޔާމީން ރަޝީދަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުން އައި މީހެއް ކަމަށާއި އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ވެސް ދިރިހުރުމުގެ ހައްގު ލިބެން ވާނެ ކަމަށް ޔާމީން ދެކޭ ކަމަށެވެ.

އެހެން ކަމުން ޔާމީންގެ މަރުގެ މައްސަލާގައި ކުށްވެރިވާ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ. އެހެންކަމުން އޭނާ އެދެނީ މަރުގެ ދިޔަ ކަމަށްވެސް ކޯޓުގައި ބުންޏެވެ.

ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނީ ޝަރީއަތުގެ މިހާ ހަމައަށް އައިރުވެސް ޔާމީންގެ ގާތިލުން އާއިލާގެ ކިބައިން މާފަށް އެދިފައިނުވާ ކަމަށެވެ. މާފުކުރުމަކީ އިސްލާމްދީނުގައި އޮތް މަތިވެރި ސިފައެއް ކަމަށާ ނަމަވެސް ރާވައިގެން މިފަދަ ގޮތަކަށް މީހަކު މެރި ބަޔަކަށް މާފު ނުކުރެވޭނެ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ވަނީ ވާރިސުންގެ ފަރާތުން ޔާމީންގެ ބައްޕަ ބޭނުންވާ ގޮތެއް ޝަރީއަތުގައި ހާމަ ކުރުމަށް ގާޒީ ފުރުސަތު ދެއްވާފަ އެވެ. މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަން ބޭނުން ނަމަ އެވެ. އަދި ޔާމީންގެ މަންމަ މަރަށް މަރު ހިފަން ބޭނުންނުވުމުން ކުށް ސާބިތުވި ހައިޝަމްއާއި ޒީހާންގެ މައްޗަށް ވަނީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވާފަ އެވެ. ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމުގައި ވަނީ އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ.

ގިސާސްގެ ބަދަލުގައި މަރުގެ ދިޔަ ނަގައިދިނުމަށް ޔާމީންގެ މަންމަ އެދިފައިވާތީ ކޯޓުން ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށް ވެސް ހުކުމް ކޮށްފަ އެވެ.