އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާއިރު ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނީ އަތޮޅުތެރޭގެ ދަތުރުތައް ކުރުމަށް ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓު ބަލައިގަނެވޭ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައި ވަނިކޮށެވެ.

އިއްޔެއިން ފެށިގެން ރެޕިޑް ޓެސްޓު ހަދައިދޭން ފެށިނަމަވެސް، ވަގުތުން ނަތީޖާ ލިބޭ މި ޓެސްޓަށް ބަރޯސާވެގެން ދަތުރު ނުކުރެވޭނެ ކަމަށް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވެފައިވެ އެވެ.

ތަސްލީމާ ވިދާޅުވީ އެ އިދާރާގެ ގައިޑްލައިންގައިވާގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓެއް ހަދަންޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިދުވަސްވަރު ކޮވިޑަށް ޓެސްޓުކުރާ މީހުން ގިނަވުމާއި، ކޮވިޑް ހަލުވި ދުވެއްޔެއްގައި ފެތުރި ޕޮޒިޓިވްވާ މީހުން ގިނަވުމުގެ ސަބަބުން ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ވުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އަލާމާތެއް ނެތި ދަތުރުކުރުމުގެ ބޭނުމުގައި ކޮވިޑަށް ޓެސްޓުކުރަން އެންމެ ރަނގަޅީ ޕީސީއާރް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 120،168 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 104،164 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ބަލީގައި 52 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.