މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިރޭ ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވާއިރު، މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބަނގުރާ ފުޅިތައް ހޯދީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ.

މިރޭ ފުލުހުން ހިންގި މި އޮޕަރޭޝަނާ ގުޅިގެން އެއްވެސް މައުލޫމާތެއް މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރިކަން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީ، ނުވަތަ އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ބަނގުރާ ފުޅިތަކުގެ އަދަދެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންނާއި ގުޅޭ ގެއަކުން ބަނގުރާ ފުޅި ހުރި 11 ފޮށިގަނޑެއް، ޕިކަޕަކަށް އެރުވި ކަމަށްވެ އެވެ.