އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރެއްގެ ޒިންމާ އަދާނުކުރާކަމުގެ ތުހުމަތު ގުޅިގެން އެ މެންބަރުން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުން ދަނިކޮށް އޭސީސީގެ މެންބަރު ކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފި އެވެ.

އޭސީސީގެ މެންބަރު ކަމުގެ މަގާމުން އަލީ އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގަ އެވެ.

ޓެންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާ އެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކޮށް މަސައްކަތްތައް ހަވާލު ކުރާނީ ޓެންޑާ ބޯޑުންނެވެ.

ޓެންޑަ ބޯޑުގައި އަޝްރަފާ އެކު ހަތް މެންބަރަކު ހިމެނެ އެވެ.

  1. އަލީ އިރުފާން
  2. އުބައިދުﷲ އަލީ
  3. އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު
  4. މުހައްމަދު ޖިނާން ސައީދު
  5. މުމްތާޒު އަބްދުއް ރަޝީދު
  6. އައިމިނަތު ޝީރީން

ޓެންޑާ ބޯޑުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލައި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކުގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ބިޑްތަކުގެ ކަންކަން ކުރާނީ ޓެންޑާ ބޯޑުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އަޝްރަފް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭ އެވެ.

އަޝްރަފް އިސްތިއުފާ ދެއްވީ އޭސީސީއަށް ރައްޔިތުންގެ މަޖިލީހާ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އޭނާ އިސްތިއުފާދެއްވިފަހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭސީސީގެ މަސައްކަތްތަކުގެ މައްޗަށް ހެދި އޮޑިޓަކަށްފަހު އޭސީސީގެ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމައިފަ އެވެ.

މަޖިލީހުގެ ކޮމިޓީގެ ނިންމުމާ ގުޅިގެން އޭސީސީގައި އެވަގުތު ތިއްބެވި ހުރިހާ މެމްބަރުން ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ. އޭގެ ފަހުން، އެ ކޮމިޝަން މެމްބަރުން އައްޔަންކޮށްފައި ނުވާއިރު، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އެ އިދާރާގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފަ އެވެ.