އެންޓި ކޮރަޕްޝަން ކޮމިޝަން ހުސްކަމެއްގެ ތެރޭގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ރައީސް އޮފީހުން އަދި އެއްވެސް ނަމެއް ނުފޮނުވާ ކަން ހާމަވެއްޖެ އެވެ.

ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވި އިރު، 34 މީހަކު ވަނީ ކުރިމަތިލާފައިވެ އެވެ. ނަމަވެސް މަޖިލީހުގެ މި ދައުރު އިއްޔެ ފެށުނު އިރުވެސް ރައީސް އޮފީހުން ނަންތައްތައް ފޮނުވާފައެއް ނުވެ އެވެ. މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުން ފަށާނީ ނަންތައް ތަރުތީބުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެ ނަންތައް މަޖިލީހަށް ފޮނުއްވުމުންނެވެ.

އޭސީސީގެ ގާނޫނު ބުނާ ގޮތުން މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭ އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެ އެވެ.

އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު، ކޮމިޝަންގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އެއްވެސް މެމްބަރަކު ނެތި ގާނޫނީ ހުސްކަމެއްގައި އޭސީސީ އޮއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއްވެސް ވަނީ ބާއްވާފަ އެވެ.