ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އިތުރު މީހަކު ނިއާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިއާވީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ މިއަދު މެންދުރު 2:14 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 288 އަށް އަރާފަ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް 156،903 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 140،376 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 49 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ކޮވިޑަށް ފަރުވާކުރުމަށް ހޮސްޕިޓަލުގައި އެނދުމަތިކުރެވޭ މީހުންގެ އަދަދު ވަނީ ކުރިއަށްވުރެ މަދުވެފަ އެވެ.