ސެންސިޓިވް (ހައްސާސް) މައުލޫމާތުތަކެއް ހާމަކުރަން ނިންމައި ފުލުހުން މީޑިއާތަކަށް ދައުވަތުދީފި އެވެ.

މިކަމަށް ހާއްސަ މީޑިއާ ހަރަކާތެއް ބޭއްވުމަށް ފުލުހުން ނިންމާފައިވާއިރު، ފުލުހުން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ، ފުލުހުންގެ "ޑްރަގް އެންފޯސްމަންޓް މީޑިއާ އިވެންޓް" މިއަދު ހެނދުނު 7:45 އިން 12:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މި އިވެންޓުގައި ނޫސްވެރިންނާ ވަރަށް ހައްސާސް މައުލޫމާތުތަކެއް ހިއްސާކުރެވޭނެކަން ފާހަގަކޮށް ފުލުހުން ބުނީ، އިވެންޓުގައި ފޮޓޯ ނުވަތަ ވީޑިއޯ ނެގޭނީ، ފުލުހުންގެ މީޑިއާ އޮފިޝަލްގެ އިރުޝާދުގެ ދަށުން ކަމަށެވެ. ނަމަވެސް އެނޫން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ބެލެވޭގޮތުގައި މި އިވެންޓުގައި ފުލުހުން މަސްތުވާތަކެއްޗާއި ގުޅުންހުރި ވާހަކަތައް ނޫސްވެރިންނާއި ހިއްސާކުރާނެ އެވެ. އަދި މިފަހުން ފުލުހުން ހިންގި އެކި އޮޕަރޭޝަން ތަކާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް ބެލެވެ އެވެ.

ފަސް ގަޑިއިރަށްވުރެ ގިނަ އިރަށް މިއަދު މި އިވެންޓު ދެމިގެންދާއިރު، މިއީ އާންމުގޮތެއްގައި ފުލުހުން ނޫސްވެރިންނާ ބައްދަލުކުރުމަށް ހޭދަކުރާ ވަގުތަށްވުރެ ގިނަ އިރުކަން ވެސް ފާހަގަކުރެވެ އެވެ.