ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ގެންދާ ޒުވާނާގެ ހަބަރެއް އަދިވެސް ނުލިބޭކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 19 ވީ ހޮނިހިރު ދުވަހު ގެއްލިގެން ފުލުހުން ހޯދަމުން ގެންދަނީ އުމުރުން 23 އަހަރުގެ އަހުމަދު ވިޔާމް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ އަކީ ޅ. ނައިފަރަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެގޮތުން ވިޔާމް ގެއްލިގެން ހޯދަމުން ގެންދަނީ މާލެއިން ކަމަށް އެނގިފައިވާއިރު، އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށްފަ އެވެ. ފުލުހުން އޭނާގެ ފޮޓޯ އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ވިޔާމްގެ ފޮޓޯ އާންމުކޮށްގެން ހޯދަން ފަށާފައިވަނީ ފުލުހުން، ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހޯދަން ކުރި މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާތީ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ، މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާކަމަށެވެ. އަދި އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ އެ ޒުވާނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންނަށް ހިއްސާކުރުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިނަށާއި، ނައިފަރު ޕޮލިސްގެ ނަމްބަރަށް ގުޅައިގެންވެސް އެމައުލޫމާތު ހިއްސާ ކުރެވިދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.