ދިވެހި ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި އެ ރަސްމިއްޔާތު ބޭއްވީ އިސްކަންދަރު ބިންޑިންގަ އެވެ. އަދި އެ ރަސްމިއްޔާތުގައި އަލަށް އެހިދުމަތަށް ގުޅުނު ފުލުހުންނަށް ހުވައިލާދެއްވީ ފެމެލީ ކޯޓުގެ ގާޒީ އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރު އެވެ.

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި އެކަމަނާ ވާހަކަފުޅު ދައްކަވާފައިވާއިރު، އަލްއުސްތާޒާ ޒައީމާ ވަނީ ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ހަމައެހެންމެ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމުގައި ދެމިތިބުމަށާއި، ފުލުހުންގެ ގާނޫނީ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރުމަށް އެކަމަނާ ނަސޭހަތްތެރިވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ އެ ރަސްމިއްޔާތުގައި 40 ފުލުހުން ވަނީ ހުވާކޮށްފަ އެވެ. އޭގެ ތެރޭގައި 16 އަންހެން ފުލުހަކާއި، 24 ފިރިހެން ފުލުހުން ހިމެނެ އެވެ. ފުލުހުން ވަނީ ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި، ހިއުމަންސް ރިސޯސް ޑިވެލޮޕްމަންޓުގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒުވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.