ޔޫކްރެއިނާއި ރަޝިއާގެ މައްސަލަ ހޫނުވެ، ހަނގުރާމަ މިއަދު ފަށާފައިވާ އިރު އެސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިން ގެންނަށް ވަގުތު ލިބުނުއިރުވެސް ސަރުކާރުން ދަރިވަރުން ގެނައުމަށް މަސައްކަތް ކޮށްފައިނުވާތީ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރަޝިޔާއިން މިއަދު ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ޢައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަނގުރާމައަކީ ކުރިން ފަށާނެ ހަނގުރާމައެއްކަން ހާމަކުރަމުން ދިޔަ ނަމަވެސް ސަރުކާރުން މިކަމުގައި މާބޮޑު އިސްކަމެއް ދިން ތަން ނުފެންނަ ކަމަށެވެ. މިއަދު ޔޫކްރެއިންގައި ހަނގުރާމައިގެ މައިދާނުގައި ދިވެހި ދަރިވަރުން ތާށިވެފައި ތިބެންޖެހުނީ ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުންކަމަށް ޣައްސާން ވިދާޅުވި އެވެ.

ހަނގުރާމަ އަކަށް ހިނގައިދާނެކަމުގެ އަލިގަދަ ހެކިތައް ދިޔައީ ފެންނަމުން. މި ނުރައްކަލުގެ ތެރޭގައިތިބި ދިވެހި ކިޔަވާ ކުދިން އަނބުރާ ރާއްޖެ އައުމަށް އެހީތެރިކަމަށް އެދުމުންވެސް، ސަރުކާރުން ދޭން ޖެހޭ އިސްކަން ނުދިނުމުން ހިތާމަކުރަން. އެކުދިން ރާއްޖެ ގެންނަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." ޣައްސާން ވިދާޅުވި އެވެ.

ޔޫކުރައިނުން ސަލާމަތް ސަރަހައްދަކަށް ވާސިލުވުމުގައި ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ދަރިވަރުން އެދުމުން ފުރަތަމަ ސަރުކާރުން އެ ކުދިންނަށް އަންގާފައިވަނީ އަމިއްލަ ހަރަދުގައި ޔޫކުރައިނުން ބޭރުވުމަށެވެ.

ޔޫކްރެއިންގައި 50 ދިވެހިން ދަރިވަރުން އުޅެމުންދާއިރު ފަސް ދަރިވަރަކު މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

އަދި 25 ދަރިވަރުން ރާއްޖެއައުމަށް އިއްޔެ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީބުނެފަ އެވެ.

ނަމަވެސް ހަނގުރާމަ ފެށުމާއެކު 20 ދިވެހިން ވަނީ ރާއްޖެ ނާދެވިފަ އެވެ. އެއީ ރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރްކިވްގައި ތިބި ފަސް ދަރިވަރަކާއި، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއްގެ އިތުރުން އެހެން ސިޓީއެއްގައި ހުރި ދަރިވަރެކެވެ.