އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް ދިރާސާ ކުރަން ކަމާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އޭސީސީއަށް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ފަސްނަމެއް ހުށައެޅުއްވި އެވެ. މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުންނަކީ:

  • އާދަމް ޝާމިލް، ތ. ވިލިފުށި، ރަތްވިލާގެ
  • އަބްދުއްސަލާމް، ށ. ނަރުދޫ، ހަވާ
  • ތާހާ މުހައްމަދު، އދ. މާމިގިލި، ކަޅިހާރުގެ
  • ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
  • ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް

މިބޭފުޅުންގެ ތެރެއިން ތާހާއަކީ މި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީގައިވެސް ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން ފްލެޓު ކޮމެޓީއާއި ދެކޮޅަށް އޭސީސީއަށް ބޮޑެތި މައްސަލަތަކެއްވެސް ވަނީ ހުށައެޅިފަ އެވެ.

ޖުމްލަ ފަސް މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފަ އެވެ. އަދި އެއަށްފަހު އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.