ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ދައުވާ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑު އެހުން ނިންމާލައި، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާން ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން އެ ދައުވާ ބޭރުކޮށްލާފައިވަނީ އެއީ، މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނަކަމަށް ނިންމައި މައްސަލަ ބޭރުކޮށްލާފަ އެވެ.
ހަމަ އެހެންމެ، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހެޅިނަމަވެސް، އެ ހެކިތަކަކީ މައްސަލަ ސާބިތުވާ ހެކިތަކެއް ނޫންކަމަށް ވެސް ގާޒީ މިސްބާހު ވަނީ ނިންމަވާފަ އެވެ. އަދި ގާޒީ އެފަދައިން ނިންމެވީ، މީގެ ކުރިން ހައިކޯޓުން ނިންމެވި ނިންމެވުމަށް ވެސް ރިއާޔަތްކުރެއްވުމަށް ފަހުގައި ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރީ 2015 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓު ދެއްވުމުގެ މުގާބިލެއްގެ ގޮތުގައި 33،000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ތުހުމަތުކޮށެވެ.
މިމައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ހުށައެޅީ އެއް ނުކުތާގެ މައްޗަށް ކަމަށެވެ. އެ ނުކުތާ ބިނާވަނީ އިބްތިދާއީ މަރުހަލާގައި ކަންކަން ހިނގާ ދިޔަ ގޮތުގެ މައްޗަށްކަން ފާހަގަ ކުރައްވައި ދައުލަތުން ވަނީ އެކަމުގެ ހުލާސާއެއް ދެއްވާފަ އެވެ. އެގޮތުން ދައުވާ ހުށައެޅިއިރު ހެއްކާ ގުޅިގެން ހުރި ކަންކަމަށް ދައުލަތުން ޖަވާބުދާރީވާން އެންގި ނަމަވެސް، އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާގައި ވާހަކަ ދެއްކޭނެ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މި އަޑު އެހުމުގައި މަހުލޫފްވަނީ އޭނާގެ ދިފައުގައި ވާހަކަ ދައްކަދައްކަވާފަ އެވެ. މަހުލޫފް ވިދާޅުވީ މިމައްސަލައަކީ ވަރަށް ބޮޑަށް ޒާތީ ވެފައިވާ މައްސަލައެއް ކަމަށެވެ. މިމައްސަލާގައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހަ ދުވަސް ތެރޭގައި ދައުވާ ކުރަން ކުރާނެކަމަށް ބުނި ނަމަވެސް ހަ މަސްވީއިރުވެސް ދައުވާ ކޮށްފައި ނުވާކަމަށެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދެފަރާތުގެ ވާހަކަތަކަށް ފުރުސަތު ދެއްވުމަށްފަހު ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި މިމައްސަލާގައި ހުކުމް ކުރާނެކަމަށް ވިދާޅުވެފަ އެވެ.
ތިޔަމައްސަލައިގެ މައިމުގޫ ހިޔާނާތުން ބަރީއަވެ ވީއްލުމުން އެހެން މީހެއްގެ މައްޗަށް ސާބިތުވެގެން ނުވާނެތާ