ދިވެހި ފުލުހުންގެ އިދާރާގައި ގަސްތުގައި ގޯސްހަދާ، މަސައްކަތުގެ ފޯކަސް ގެއްލުވާލަން މަސައްކަތްކުރާ ބަޔަކު ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި، މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ޖުޑީޝަރީ ކޮމެޓީގައި ވިދާޅުވި ވާހަތަކާއި ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.
ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާ ކުރާ ފުލުހުންނަކީ، އެކަށޭނެ ތައުލީމާއި ތަމްރީން ލިބިގެން ވަރަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ގާބިލް މުވައްޒަފުން ކަމަށެވެ. ބަންޑާރަ ނައިބު އެއިޝާރާތް ކުރެއްވިފަދަ "ނުނިޔަތެއް ބާއްވައިގެން" ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
"މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށަހެޅިފައެއް ނުވެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ގަސްދުގައި ގޯސް ހަދާ އެންމެ ފުލުހެއްގެ މައްސަލަ ވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވާކަމަށެވެ. ނަމަވެސް ދާދިފަހުން ފުލުހުން ތަހްގީގު ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އަތުލައިގަތް ތަކެތީގެ އިންވެންޓްރީ ނެގުމަށް ފަހު އެއިންވެންޓްރީގެ ލިޔުން ފުލުސް މީހާއަށް ހަނދާންނެތި ހަވާލު ނުކޮށް އޮތް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް ޕްރޮސެކިއުޓަ ޖެނެރަލް އެންގެވުމުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން މައްސަލައިގައި ހިމެނޭ މީހުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އިންވެންޓްރީ ހަވާލު ނުކުރުމުން މުހިއްމު ހެކިތަކެއް ގެއްލިފައި ވީނަމަވެސް މަސްތުވާތަކެތީގެ މައްސަލައިގައި މިހާރު ދައުވާ އުފުލާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.