ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން، އަދި އެމީހުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނީ، މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން- ރިފަންޑަބަލް (އަނބުރާ ނުލިބޭނެ) ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން އެ ފީ ބަލައިގަންނާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ. އަދި ފައިސާ ދައްކައި، ބީލަމުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުގެ މައުލޫމާތުތައް ހިއްސާކުރުމަށް އެ މިނިސްޓްރީން އިރުޝާދު ދެއްވާފައިވެ އެވެ.

އެ މަސައްކަތާ ގުޅޭ ލިޔެކިޔުންތައް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މަޖިލިސް މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދުމަށް ބީލަން ކިޔުން އޮންނާނީ އަންނަ މާޗު މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.