ކަސްޓަމްސް އިން ރާއްޖެއަށް އައި އިނގިރޭސި ވިލާތުގެ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިފި އެވެ.

ކަސްޓަމްސް އިން މިރޭ ބުނީ ސްރީލަންކާ މަގުން ރާއްޖެއައި އިނގިރޭސި ވިލާތުގެ މީހަކު ހުއްޓުވައި، އޭނާ ބަލައި ފާސްކޮށް މަސްތުވާތަކެތި އަތުލާފައިވާ ކަމަށެވެ. އަދި އޭނާ އަތުލި މަސްތުވާތަކެއްޗަކީ ކެނަބިސް އޮއިލް އާއި ކެނަބިސް ހާބްސް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ އަތުން އަތުލި ތަކެތީގައި ޖުމްލަ 12.7 ގުރާމް ހިމެނޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނާއި، ބިދޭސީން އަތުން މަސްތުވާތަކެތި ފެންނައިރު، ކަސްޓަމްސްއިން ދޭތެރެއިން މަސްތުވާތަކެތީގެ މައްސަލައިގައި ބޭރު މީހުން ހައްޔަރުކުރެ އެވެ. އެގޮތުން އިއްޔެ ވެސް މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އިންޑިއާ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެ މައްސަލައިގައި އުމުރުން 37 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ ފުލުހުން، ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ފެނުމުންނެވެ. މަސްތުވާތަކެއްޗާއެކު އަތުލައިގަނެފައިވާ އިންޑިއާ މީހަކީ، ދެ ފަހަރެއްގެ މަތިން އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.