ފުލުހުންގެ ހިދުމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަހުގީގުކުރުމުގެ ތަމްރީނު ލިބިފައިވާ ފުލުހުން މަދުވުންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަހުގީގު ކުރުމަށް ކަނޑައެޅިފައި ތިބި ފުލުހުންގެ ތެރޭގައި އެކަމަށް ތަމްރީނާއި، ހުނަރާއި ގާބިލުކަން ލިބިފައިވާ ފުލުހުންގެ އަދަދު މަދުވުން ކަމަށެވެ.

ހަމައެހެންމެ އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ތަހުގީގު ކުރުމުގެ ދާއިރާގައި އެ ޒިންމާ ހަވާލުކުރެވިފައިވާ ކޮމާންޑަށް އިތުރު ވަސީލަތްތަކާއި، ހުނަރުތައް ހޯދައިދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިހާރުވެސް އެފަންނަށް ހުނަރު ލިބިގެންވާ އިނގިރޭސި ވިލާތުގެ އިސް ތަޖުރިބާކާރެއް ހަރަކާތްތެރިވަމުން ގެންދަވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރު ތެރޭގައި، ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފުލުހުންނަކީ ތަހުގީގު ކުރުމުގެ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ލެވެލް ސެޓްފިކެޓް އޮތް ފުލުހުންނަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ހަމައެހެންމެ، ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފިސްމަންޓް މިމަހުގެ ތެރޭގައި ހުޅުވުމާއި އެކު ތަމްރީނުގެ އިތުރު މަސައްކަތްތައް ފެށިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ކޮލެޖުގެ މަސައްކަތާއި އެކު އެންމެ ބޮޑު އިސްކަމެއް ދެވޭނީ، ތަހުގީގުގެ ދާއިރާއިން އޮފިސަރުން އިތުރަށް ތަމްރީނު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.