އެމަނިކުފާނުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތް ތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަކަށް އަދިވެސް ޙައްލެއް ނުލިބޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކި ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އައި ފުލުހުންނާއި ސިފައިންގެ ފްލެޓްގެ މަސައްކަތް މިހާރު އެވަނީ ހިންގަން ފަށާފައި ކަމަށެވެ.

"ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލުކުރެވި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް ހެޔޮ ބަދަލު އަތުވެއްޖެ ކަމަށެވެ. އަދި އެކަމަށްޓަކައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށާއި ފުލުހުންގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު ދެންނެވި އެވެ.

ފުލުހުން ކުރައްވަމުން ގެންދަވަނީ ވަރަށް އުނދަގޫ އެހާމެ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ގިނަގުނަ ފާޑުކިޔުންތަކާ ގޮން ޖެހުންތަކާ ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ. އަދި ފުލުހުން ކުރިއަށް ވަޑައިގަންނަވަންވީ އަބަދުވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ މިއަދަށްވުރެ މާދަމާ ރަނގަޅުކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން ބިނާ ކުރުމަށްޓަކައި އައްޑޫ ސިޓީގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމެންޓަކީ އެކި ސަރުކާރު ތަކުން ކުރިބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާ ރައްކާތެރިކަމާ ގައުމީ މަސްލަހަތު ދިފާއު ކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ ރާއްޖެ - ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް. މިކަމަށްޓަކާ މީގެ ކުރިން މިމަސައްކަތް ކުރެއްވި ހުރިހާ ސަރުކާރު ތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުން މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

"އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ. އުމްރާނީ ވަޞީލަތާ އެކުއެކީ ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަޞީލަތުގެ މަގު މިދަނީ އަލިވަމުން. މިއީ ރައްކާތެރި އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއް،" ރައީސް ވިދާޅުވިއެވެ.