ކޮވިޑް ޖެހިގެން 79 އަހަރުގެ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

މިއީ ކޮވިޑް ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 10:50 ގައި މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ ދިވެއްސަކު ކަމަށެވެ.

ކޮވިޑް ޖެހިގެން 57 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ މެންދުރު ފަހު 2:24ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވެފައިވެ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 36 ދިވެހިންނާއި 8 ބިދޭސީން މަރުވެފަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30ގަ އެވެ. މިހާތަނަށް މިބައްޔަށް ޖުމްލަ 12،154 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،262 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.