އަރިދަފުސް ރޯގާ އާއި ހޮޑުލުމާއި ބޭރަށް ހިންގައިގެން ޑޮކްޓަރަށް ރިޕޯޓުކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިފަދަ ބަލިތައް މިދިޔަ ދެ އަހަރު ތެރޭގައި ވަރަށް ބޮޑަށް މަދުވެފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކަ އެވެ.

ރާއްޖޭގައި ޢާއްމުގޮތެއްގައި މޫސުމީ ބަލިތަކުގެ ގޮތުގައި ފެތުރޭ ހުމާއި ރޯގާގެ ހާލަތު ބަޔާންކޮށް އެޗްޕީއޭއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އައިއިރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ފެބްރުއަރީ އަދި މާޗް މަހު 30،524 މީހަކު ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފަ އެވެ.

އިންފްލުއެންޒާއަށް ފެބްރުއަރީ މަހު ޓެސްޓު ކުރި މީހުންނަށް ވުރެ ބަލީގެ އަލާމާތްތައް ހުރެގެން މާޗު މަހު ޓެސްޓު ކުރި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ފެބްރުއަރީ މަހު ޓެސްޓުކޮށްފައިވަނީ 41 މީހެކެވެ. އަދި މާޗް މަހު 55 މީހަކު ޓެސްޓުކޮށްފައިވާއިރު މީގެ ތެރެއިން އެކަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އަލާމަތްތައް ހުރެގެން އިންފްލުއެންޒާއަށް 413 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. މީގެ ތެރެއިން 4 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެގޮތުން ފެބްރުއަރީމަހު އަދި މާޗް މަހުގައި 4،802 މީހަކު ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. އެހެންކަމުން ބޭރަށް ހިނގާ ހޮޑުލެވޭނަމަ ލޮނުޕެކެޓް ބޭނުންކޮށް ދިޔާ އެއްޗިހި ބޭނުންކުރުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ހުމާއި ރޯގާއިން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރު ކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުން މިދިޔަ އަހަރާއެއް ހަމައެއްގައި ހިފެހެއްޓިފައިވާއިރު ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު ނުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.