ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން ކަމަށެވެ. ސައީދު ހާޒިރުވާން އަންގާފައިވަނީ މިރޭ 09:30 އަށް ކަމަށާއި އަދި ޣައްސާން 10:30އަށް ހާޒިރުވާން އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ މާޗްމަހުގެ 25 ވަނަ ދުވަހު ނޭވާ ހޮޅިޔަށް މިނަމުގައި ބޭއްވި މުޒާހަރާގައި ޣައްސާންއާއި ސައީދުވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އަދި އެދުވަހުގެ މުޒާހަރާއިން އެތައްބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހާފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އިސް ބޭފުޅުންނަށް ބިރު ދެއްކުމުގެ ގޮތުން ފުލުހަށް ހާޒިރުކުރި ނަމަވެސް މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި މިސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.