ވިލިމާލޭގައި ގިނަ އަދަދެއްގެ ހިދުމަތްތައް ލިބެން ނެތް ކަމަށާއި، އެ ރަށް ބާކީކުރުމަށް ނިމުމެއް ގެންނަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އާމިނަތު ޝީޒާގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވި ރައްމިއްޔާރުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ވިލިމާލެ އަކީ ވަރަށް ބޮޑަށް ބާކީކޮށްފައި އޮންނަ ރަށެއް ކަމަށެވެ.

ހަމައެހެންމެ ނިމިދިޔަ ސަރުކާރުންނާއި، މިހާރުގެ ސަރުކާރުން ވެސް އެ ރަށަށް ތަރައްގީއެއް ގެންނަން މަސައްކަތް ނުކުރާކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އަދި ވިލިމާލޭގައި ހައްލު ކުރަންޖެހޭ އެކި މައްސަލަތައް ހަލުނުވެ ހުރިކަން ފާހަގަކުރައްވައި، ނާޒިމް ވަނީ އެ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.

ވިލިމާލެ ތަމްސީލުކުރައްވަން ހުންނެވީ އެޕާޓިއާށް ނިސްބަތްވާ ބޭފުޅެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެކި މައްސަލަތަކަށް ހައްލު ގެނައުމަށް ވިލިމާލެ ދާއިރާގެ މެމްބަރުކަމަށްވާ އަހުމަދު އުޝާމް މަސައްކަތް ކުރައްވާތަން ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ އެއްވެސް ބަދަލެއް މިހާތަނަށް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އިއްޒަތެރި މެމްބަރު ވަރަށް ގިނަ އެކިއެކި ދޮރު ފަހަރުގައި ޓަކި ޖަހައި މަސައްކަތްކުރާތަން އަޅުގަނޑު ދެކެން. އަދި މަޖިލީހުގައި އެކަމަށް ހަގީގަތުގައި ވަކާލާތު ކުރައްވާ. އެހެންނަމަވެސް ބޮޑެތި ބަދަލުތަކެއް މިތަނަކުން ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.