ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އަހުމަދު ސިރާޖް ހަމަޖައްސައިފި އެވެ.

ސިރާޖަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި, ޔޫ.ކޭގެ ޔުނިވާސިޓީ އޮފް ސަންޑަލަންޑުން ބެޗަލާ އޮފް ބިޒްނަސް މެނޭޖްމަނޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެޗްޑީ އިން އިކޮނޮމިކްސް އެންޑް މުއާމަލާތު އެޑްމިނިސްޓްރޭޝަންއަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ސިރާޖް, އެންމެ ފުރުތަމަ ސަރުކާރާ ގުޅިވަޑައިގަތީ 2000ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނެޝަނަލް ޑިވެލޮޕްމަންޓުގައި ޑާޓާ އެންޓްރީ އޮފިސަރެއްގެ މަޤާމަށެވެ.

މަތީ ތަޢުލީމު ހާސިލްކުރެއްވުމަށްފަހު 2012ވަނަ އަހަރު އަލުން ސަރުކާރާ ގުޅިވަޑައިގެން މިނިސްޓްރީ އޮފް ފައިނޭންސްގައި ޕަބްލިކް އެންޓަޕްރައިޒަސް އިވެލުއޭޝަން އެންޑް މޮނިޓަރިންގް ޑިވިޝަންގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ މަގާމު އަދާކުރެވުމަށްފަހު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު އެކުލަވާލުމާއެކު މިއަދާހަމައަށް އަދާކުރައްވަމުން ގެންދެވީ އެ ބޯޑުގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމެވެ. މި މަޤާމުގައި ހުންނެވި އިރު, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕޮރޭޓް ގަވަނަންސް ކޯޑެއް އެކުލަވާލުމުގެ އެއް މޭސްތިރިއަކީ ސިރާޖެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް, ހިންގުމުގެ ގަވާއިދުތައް އެކުލަވާލުމާއި, މާލީ ޖަވާބުދާރީވުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުންވެސް ސިރާޖު ވަނީ ދައުލަތުގެ ތަފާތު ގިނަ އިދާރާތަކުގައި ހިންގުމުގެ މައްސޫލިއްޔަތު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ, މޯލްޑިވްސް ހައްޖު ކޯޕަރޭޝަން, ހަޒާނާ މޯލްޑްވްސްގެ ބޯޑު މެންބަރުކަން ކުރައްވާފަވެއެވެ. ހުސްވަގުތު ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި އެކި ކޮލެޖް ޔުނިވަރސިޓީ ތަކަށް ކިޔަވާދެއްވުމުގެ އިތުރުން, ސިރާޖަކީ , އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރެކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިރާޖު އެ މަގާމަށް އައްޔަންކުރުމާ ހަމައަށް ފިނޭންސް މިނިސްޓްރީގެ ޕީއެސް ކަމުގައި ހުންނެވީ މުހައްމަދު މާދިހެވެ.