ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ކުރީގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު ސިރިސޭނާއާއި ބައްދަލުކުރެއްވީ އެމަނިކުފާނު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، ލަންކާ އަށް މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތާއި ގުޅޭގޮތުންނާއި ލަންކާގެ ކުރިމަގަށް ހުރިހާ ޕާޓީތަކެއް ވެސް އެއް އަމާޒެއް ގެންގުޅުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ސިރިސޭނާއާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ސްރީލަންކާގެ ކުރީގެ ރައީސްއާއި ނަޝީދު ބައްދަލުކުރައްވާފައިވާއިރު އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ސްރީލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވަނީ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވާފަ އެވެ. ރަނިލް އާއި ނަޝީދާ ކުރެއްވި މަޝްވަރާތަކެއްގައި ނަޝީދު ވަނީ ލަންކާއަށް ބޭރު ގައުމުތަކުގެ އެހީ ހޯދައިދީ އެ ގައުމަށް އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމުގައި އެހީވުމަށް ހުށަހަޅުއްވާފަ އެވެ. ރަނިލްވަނީ އެ ހުށައެޅުން ގަބޫލު ކުރައްވާފަ އެވެ.
ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ. ލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.