"އިންޑިއާ އައުޓް" ކެެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރ ކުރި ނޫސްވެރިންނަށް ބިރު ދެއްކި މައްސަލަ ބެލުމަށް ނޫސްވެެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމުއިއްޔާ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަސް ގެންދާ މުޒާހަރާގެ ކަވަރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަރަކާތްތެރިވި ނޫސްވެރިންނަށް ސޯލިހު ކިޔާ ފުލުހަކު "ހޭއަރުވާލާނެ" ކަމަށް ބުނެ ފުރައްސާރަކޮށް އިންޒާރު ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އައިއެފްޖޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މި މައްސަލަ އެ ޖަމިއްޔާއާއި، އެ ޖަމިއްޔާ އާއި ގުޅިފައިވާ މޯލްޑިވްސް ޖާނަލިސްޓް އެެސޯސިއޭޝަން (އެމްޖޭއޭ)ގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އައިއެފްޖޭއިން ވަނީ މި މައްސަލަ ބެލުމަށާއި، އިހުމާލުވެެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ. އައިއެފްޖޭގެ ބަޔާނުގައި ވެސް 'ސޯލިހް' ނަމަކަށް ކިޔާ ފުލުހަކު މޭ 18 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް ބިރުދައްކާ ފުރައްސާރަކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

"މި ދާއިރާގައި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިވާ ކަމެއް. ނޫސްވެރިންނަށް ހަމަލާދީފާނެ ކަމުގެ އަދި އަނިޔާއެއް ދީފާނެ ކަމުގެ ބިރެއް ނެތި ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދޭން ޖެހޭ. މި މައްސަލަ ތަހުގީގުކޮށް ކުށްވެރިން ހައްޔަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އައިއެފްޖޭއިން ދިވެހި ސަރުކާރަށް އިލްތިމާސްކުރަން." އައިއެފްޖޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނޫސްވެރިންނަށް އިންޒާރު ދިނުމުގެ މައްސަލަ ފެންމަތިވެފައިވާ އިރު، މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ހުރަސްއަޅަމުންދާ ކަމުގެ ޝަކުވާތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ވަކި ވަކި ނޫސްވެރިންނަށް އަމާޒުކޮށް ފޮޓީ ނެގުމާއި ކަވަރު ކުރުމަށް ހުރަސް އެޅުން ފަދަ ކަންކަން ކުރިމަތިވެ އެވެ.