މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ގޯތި ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް މިމަހު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، މިމަސް ނިމުމުގެ ކުރިން 3،000 ގޯއްޗަށް ހުޅުވާލާނެކަމަށެވެ. ނަމަވެސް ގޯއްޗަށް ހުޅުވާލާނީ ކޮން ތަނަކުން ކަމެއް ރައީސް ހާމަ ނުކުރައްވަ އެވެ.

ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދޫކުރަން ހަމަޖެހިފައިވާކަން ރައީސް އިއުލާނުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގަ އެވެ. އެދުވަހު ރައީސް ވަނީ މާލޭގެ ރަށްވެހިންނަށް 5000 ގޯތި ދޫކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހުޅުމާލެ އިން 1000 ގޯތި އަދި ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ތަފްސީލުތައް ވެސް ރައީސް ދެއްވެވިއެވެ. އެގޮތުން ޖުމްލަ 2،180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގާ ކުރިއަށް ދާ ކަމަށާއި، ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.