ގަޑިއަށް ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދިވެހި ސަރުކާރުން ހިންގި ވޯކްޝޮޕެއްގައި ކިޔައި ދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޔޫތު މިނިސްޓްރީ އާއި ކައުންޓާ ޓެރަރިޒަމް ޔުނިޓް ގުޅިގެން ރ. އުނގޫފާރުގައި ސްކޫލު ޓީޗަރުންނަށް ހާއްސަކޮށް ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ވަނީ ސްކޫލު ގަޑީގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފަ އެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ސައީދު މިއަދު މަޖިލީހުގައި ވަނީ އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެެއްވައި މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށެވެ. އަދި އިސްލާމް ދީނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުން އުފެއްދުމަކީ މައިގަނޑު އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދު ކުރެވޭނެ ގޮތް އޮންނަނީ ހަމަޖައްސާފައި ކަމަށާއި އަދި ދަރިވަރުން ސްކޫލުތެރޭގައި ނަމާދު ކުރާ ކަން މަޖިލިސް މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އަދި އެކަމަށް ބާރު ވެސް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތިޔަ ވިދާޅުވި ހަބަރެއް [އުނގޫފާރުގައި ނަމާދާ ގުޅޭ ގޮތުން ދެކެވުނު ވާހަކަ] އަޅުގަނޑަށް އެނގިފައެއް ނެތް. ނަމަވެސް ސްކޫލު ތެރޭގެ ކަންކަން އަޅުގަނޑަށް އެނގެނީ ސްކޫލު ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަށް އަޅުގަނޑު ނުބަލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރ. އުނގޫފާރުގައި ބޭއްވި ހަފްތާރެސް ޕްރޮގުރާމުގައި ވަނީ އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފަ އެވެ.

އޭގެ ތެރޭގައި ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެ އެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެ އެވެ.