ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން ކުރިއަށް ދިޔަ ރަސްމިއްޔާތު ގައި "ވޮއިސް" ނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސައިނަށް މަރުގެ އިންޒާރު ދިން ސިފައިންގެ މީހާ، ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް އޭނާގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އާއްމުންގެ އެކުވެރި ޖަމިއްޔާ އިން ގޮވާލައިފި އެވެ.

ވޮއިސް ނޫހުން ބުނިގޮތުގައި ނޫސްވެރިޔާ ޝަފްރާޒަށް މަރުގެ އިންޒާރު ދިނީ ރައީސްގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ މީހެކެވެ.

އޭނާއަށް މަރުގެ އިންޒާރުދިނީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބަހުގެ ހިދުމަތް ފެށުމުގެ ބޮޑު ހަފްލާ ބޭއްވި ސަރަހައްދަށް އެއްވި ފްލެޓުގައި ދިރިއުޅޭ މީހުންގެ އިހްތިޖާޖު ކަވަރު ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ނޫސްވެރިޔާ ޝަފްރާޒަށް އިޝާރާތްކޮށް "މިކަލޭގެ ހޭއަރުވާލަން ޖެހޭ" އަދި "މީ ދުއްވާލަން ޖެހޭ މީހެއް" ކަމަށް އެ ސިފައިންގެ މީހާ ބުނެފައިވާ ކަމަށް ވޮއިސް ނޫހުން ބުންޏެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް ބަހެއް އެމްއެންޑީއެފްއިން ވެސް އަދި ސަރުކާރުން ވެސް ނުބުންޏެވެ.

އާންމުގެ އެކުވެރި ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ނޫސްވެރިޔާ ޝަފްރާޒަށް މަރުގެ އިންޒާރުދިން އަޑު އެތާ ތިބި އެ ޖަމިއްޔާ ގެ އެތައް މެންބަރަކަށް އަޑުއިވުނު ކަމަށެވެ.

ޝަފްރާޒު އެތަނުގައި ނޫސްވެރިއެއްގެ ދައުރު އަދާކުރުމުން ފިޔަވައި އެހެން އެއްވެސް ކަމެއް ކޮށްފައިނުވާއިރު، އޭނާ ހައްޔަރުކުރަން ގޮވާލުމަކީ އޭނާ ފްރޭމްކޮށް ގާނޫނީ އިމުން ބޭރުން އަދަބު ދިނުމަށް ކުރާ ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރެ އެވެ.