ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އަންހެނަކު މަރުވެ، ޖުމްލަ އަދަދު 300 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް ޖެހިގެން އުމުރުން 66 އަހަރުގެ އެ އަންހެން މީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިމަރާއެކު ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 300އަށް އަރާފަ އެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މާޗް 13 ގައި އުވާލި ފަހުން ރާއްޖޭގައި ކޮވިޑް ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މިދުވަސްވަރު އަނެއްކާ ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ސާމްޕަލް ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެގޮތުން ފާއިތުވި މޭމަހު ކޯވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން ކަމަށާއި، ނަމަވެސް މި މަހުގެ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ މީހުން އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު އަންނަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފަ އެވެ.