ރާއްޖޭގައި ތިބި ސިފައިން ބޭރުކުރަން ގޮވާލާ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެ ހަރަކާތް ހުއްޓުވުމަށް ނިންމާފައި ވަނީ "ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަޙަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން" ކުށަކަށް ހެދުމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ރާއްޖޭގެ ޚާރިޖީ މަސްލަޙަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ މައިގަނޑު ކަންތައްތައް:
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. ނަމަވެސް އެ ގާރާރުގެ ގާނޫނީ ސައްހަކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ގަރާރެއް ނެރުއްވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ނުހުއްޓުވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެފައިވެ އެވެ.
އެ ހަރަކާތް ހުއްޓުވުމާ ބެހޭ ގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މަޝްވަރާކުރުމަށް މިދިޔަ ހަފުތާގައި ނިންމެވީ ގާނޫނަކު އެކަން ހުއްޓުވުމަށެވެ. މި ގާނޫނު ފާސްކުރުމުން ރާއްޖޭގައި އިންޑިއާގެ އިތުރުން އިޒްރޭލުން ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓާލުން ގޮވާލުން ވެސް ކުށެއްގެ ގޮތުގައި ބެލެވޭނެ އެވެ.