ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ޖެހި ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފްރާންސަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ފޯވަޑް ޑެސީރޭ ޑޫއޭއަށް ޕެރަގުއޭގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެންނެވެ.

ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި ހަތް ލަނޑު ހަމަކޮށްފަ އެވެ. ލަނޑު ޖެހުމުގެ ލިސްޓުގައި މި ވަގުތު އެންމެ ކުރީގައި އޮތީ ހަތް ގޯލު ޖަހާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި އެމްބާޕޭ އެވެ. މިއީ ވޯލްޑް ކަޕްގައި އެމްބޭޕޭ މިހާތަނަށް ޖެހި 19 ވަނަ ލަނޑެވެ.

ރޭގެ މެޗުގައި އާންމު ގޮތެއްގައި ފްރާންސްގެ ފަރާތުން ފެންނަ މޮޅު، އެޓޭކިން ގޭމެއް ނުފެނުނެވެ. އެންމެ ބޮޑު ސަބަބަކީ ފްރާންސްއިން އާންމުކޮށް ކުޅޭ އެޓޭކިން ގޭމް ކުޅުމުގެ ފުރުސަތު ޕެރަގުއޭއިން ނުދިނުމެވެ. އެކަމަކު މުޅި މެޗުގައި ވެސް ގިނައިރު ބޯޅަ ގެންގުޅެ، މެޗު ކޮންޓުރޯލް ކުރީ ފްރާންސްގެ ޓީމުންނެވެ. މެޗުގެ 90 ވަނަ މިނިޓާ ހަމައަށް، ފްރާންސްގެ ގޯލަށް ޕެރަގުއޭއަށް އެންމެ ހަމަލާއެއް ވެސް އަމާޒެއް ނުކުރެވެ އެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ޖަރުމަން ކަޓުވާލި ޕެރަގުއޭ އިން ރޭގެ މެޗަށް ވެސް ނުކުތީ ޑިފެންސިވް ގޭމަކަށް އިސްކަން ދީގެންނެވެ. އެހެންކަމުން، ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ޕެރަގުއޭގެ ޑިފެންސް ފޫއަޅުވާލުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.