އެމްއެންޑީއެފްގެ މޭޖާ އަބްދުﷲ އަލީ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

އުމުރުން 54 އަހަރުގެ އަބްދުﷲ ވަނީ ސިފައިންގެ ވަޒީފާގައި 33 އަހަރު ހިދުމަތް ކުރައްވާފަ އެވެ.

އޭނާ ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރު އެވެ. އަބްދުﷲ އަކީ އެމްއެންޑީއެފް ފުރަތަމަ އިންފޮމޭޝަން އޮފިސަރު ވެސް މެ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ޖުލައި 14، 2008 ގަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ އެމްއެންޑީއެފް މީޑިއާގެ އެންމެ އިސްވެރިޔާގެ މަގާމް ވެސް އަދާކުރައްވާފަ އެވެ. އެ މަގާމުން އޭނާ އަދާކުރެއްވީ އޭޕްރީލް 20، 2010 އިން ޖެނުއަރީ 12، 2010 ގެ ނިޔަލަށެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ސެކްރެޓަރީ ކަމުގެ އިތުރުން އެމްއެންޑީއެފްގެ ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރު ކަން ވެސް އޭނާ ކުރެއްވި އެވެ.

އަބްދުﷲ އަށް ލިބިފައިވާ މެޑަލްތަކުގެ ތެރޭގައި ސައްތައިގެ މެޑަލް، އަޚްލާގީ މެޑަލް، ސާކްސަމިޓް މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، މިނިވަން ފަންސާހުގެ މެޑަލް ހިމެނެ އެވެ.