ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސް ބިރުދައްކައިގެން ރޭޕްކުރި މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް އެ ކުއްޖާގެ ބައްޕަ ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.
"ހުރިހާ"އާ ވާހަކަ ދައްކަމުން އެ ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާ ބުނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ފައިލްކޮށްފައިވާތީ، އެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް ހެއްކާއެކު ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ ބުނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގު ކުރުމަކީ އާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ރިޒާ ބުނީ ދަރިފުޅުގެ ދިރިއުޅުން ދުއްވާލީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް ޝަރިއަތަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ އެ މައްސަލަ ޝަރީއަތުން ނިމެން. ޝަރީއަތުން ނިންމާ ކޮންމެ ގޮތަކަށް އަޅުގަނޑުމެން އިހްތިރާމް ކުރާނަން،" އޭނާ ބުންޏެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މާޗް، 3 ، 2021 ވަނަ ދުވަހުއެވެ. ޖިންސީ ގޯނާ ކުރީ އެއްޗެއް ބޯންދިނުމަށްފަހު ކަމަށް އެ ކުއްޖާ ވަނީ ތަހުގީގުގައި ކިޔައިދީފަ އެވެ.
އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމައި ފުލުހުން އޮތީ އެ މައްސަލަ ފަލައިލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ފައިލްކުރީ ބާރުގަދަ ބައެއްގެ ނުފޫޒުން އެ މައްސަލަ އޮއްބާލަން ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް މިވަނީ ފެންމަތިވެފަ އެވެ.
އެގޮތުން މުއީން ހަސަން މަޑުއްވަރީގެ އެމްޑީޕީގެ ދެ އެކްޓިވިސްޓަކާ އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާ ފޯން ކޯލް ރެކޯޑިންތަކެއް ވަނީ ލީކްވެފަ އެވެ. އޭގެތެރެއިން އެއް ރެކޯޑިންގައި އެޑަމް ނަމަކަށް ކިޔާ މީހަކާ މުއީން އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަ އެވެ. އެ ރެކޯޑިންގައި ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު އެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންތަކަކާ ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
ދައުލަތުގެ ވަޒީރަކު އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ގުޅާފައިވާ ކަމަށް ވެސް އެ އޯޑިއޯގައި ބުނެއެވެ.