ކޮވިޑްޖެހި ރަނގަޅުވިތާ ތިން މަސްވެފައިވާ މީހުން އަލުން ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެފަދަ މީހުންގެ ސާމްޕަލް ނަގަނީ އެކްޓިވް ސަވައިލަންސްގެ ދަށުން ކަމަށެވެ.

"މިހާރު އޭގައި އަޅުގަނޑުމެން ބަލާގޮތަކީ ތިން މަސް ދުވަހޭ. އެހެންވީމަ ތިން މަސް ދުވަސް ފާއިތުވުމަށްފަހު އަނެއްކާވެސް އޭނާއަކީ ދެވަނަ ފަހަރަށް ބައްޔަށް ހުށަހެޅި، ބަލި ޖެހިދާނެ ފަދަ މީހެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްޖެހި ރަނގަޅުވެފައިވާތާ ތިން މަސް ވެފައިވާ މީހުން އެޗްޕީއޭ އަށް އެއްބާރުލުންދީ، އެ މީހުންގެ ސާމްޕަލްތައް ދިނުމަށް ވެސް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

"އެއީ އަޅުގަނޑުމެންނަށް އެ ބަލި ކިހިނެއްތޯ ހަގީގަތުގައިވެސް ތިން މަސްތޯ ވަނީ ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ބެލުމަށް އެވިޑެންސްތަކެއް މި ނެގެވޭ،" އޭނާ ވިދާޅުވިއެވެ.