ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރުމަށް ސަރުކާރުން ނާންގާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ހޫދު ވިދާޅުވީ ދައުލަތުގެ އިސްވެރިން ރަށްރަށް ދަތުރުކުރައްވާއިރު ސްކޫލް ކުދިން ނެރެގެން އެއްވެސް ހަރަކާތެއް ހިންގަން ސަރުކާރުން ތަރުހީބު ނުދޭކަމަށެވެ.

މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމަށް ވަޑައިގެން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި އެ ރަށު ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްދޭން ގަމު ކައުންސިލުން ސްކޫލްގައި ވަނީ އެދިފައެވެ.

ދާދިފަހުން ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ގިނަ އަދަދެއްގެ ސްކޫލް ކުދިން ވަނީ ބައިވެރިކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެ ކަމަށެވެ.

އަދި އެފަދަ ހަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

ޚާއްސަކޮށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި ރައީސް ސޯލިހު ގަމަށް ވަޑައިގަންނަވާއިރު ސްކޫލް ކުދިން ނެރުމަށް އަންގާފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.