މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި އޭނާގެ ބެންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ގާނޫނާއި އެއްގޮތުގެ މަތިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕެސްޓާއި ދެކޮޅަށް ދައުލަތުން އޭނާގެ ބެންކު ސްޓޭޓްމަންޓް ހުށަހަޅާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާކޮށްފައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި ހުށަހެޅުނު ހެކީގެ ތެރެއިން އޭނާގެ ބެންކު ސްޓޭޓްމެންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ހަވާލާދީ ކަމަށްވީ ނަމަވެސް، އެކަން ކުރީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ކްރިމިނަލް ކޯޓުން ވަނި މިއަދު ބުނެފަ އެވެ. ހަމައެހެންމެ އެ ގާނޫނުގައި ބެންކު ސްޓޭޓްމެންޓްތައް ދިނުމަށް އެނގުމުގެ ބާރު ފުލުހުންނަށް ލިބިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ޝަމީމް ވަނީ، ބެންކް ސްޓޭޓްމަންޓް ނަގާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި، ބޭންކިންގެ ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެނގުމުގެ ބާރު ފުލުހުންނަށާއި، ޕްރޮސިކިއުޓާ ޖެނެރަލަށް އޮތް ނަމަވެސް، ބެންކު ސްޓޭޓްމަންޓްތަކާއި އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް ފުލުހުންނަށް ބެލުމުގެ ބާރު ނުވެ އެވެ. އަދި ޕެސްޓާ ދެކޮޅަށް ހުށަހެޅި ބެންކް ސްޓޭޓްމަންޓްތަކަކީ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭ ކަމަށް ކޯޓުން ނިންމި އެވެ.