މާތީ ތައުލީމު ހާސިލުކުރާ ދަރިވަރުން މަޖުބޫރުކޮށްގެން ދާއިރާއަކުން ކުރިއަށްދާނަމަ އެ ކުއްޖާގެ އަސްލު ހުނަރު ނުފެނިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޓޮޕް އެޗީވާސް އެވޯޑް ހަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކި މީހަކު މަޖުބޫރުކޮށްގެން ކަމެއް ކުރަން އުޅުމަކީ ތިމާގެ ކިބައިގައި ހުންނަ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް ކަމަށެވެ.

ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ އެ ކުއްޖަކު އެންމެ ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކޮށްގެންކަމަށާއި، ކޮންމެ ދާއިރާއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު، ފުރުސަތުތައް ފަހި ދާއިރާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ތަރައްގީގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބަ ހިނގާ. ޒަރޫރީ ހިދުމަތްތައް ނެތް ކިތަންމެ ރަށެއްގައި އެ ހިދުމަތްތައް އެބަ ގާއިމުކުރެވޭ. އެއިން ކޮންމެ ހިދުމަތަކީ ވަޒީފާގެ އެތައް ފުރުސަތެއް. ބޭނުންވަނީ، އެ ވަޒީފާތައް އަދާކުރާނެ ހުނަރުވެރި އަދި ފަންނުވެރި ތައުލީމީ ދިވެހި ޒުވާނުން،" ރައީސް ވިދާޅުވިއެވެ.

މޮޅު ކުއްޖަކަށް ވުމަށް ފޮތުގެ ތައުލީމުން ރަން ވަނަ ހާސިލުކުރުމުން އެކަނި ނުފުދޭކަން ރަނގަޅު ނަތީޖާއެއް ހާސިލުކުރާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ އިންސާނަކީ ތަފާތު އިންސާނެއް ކަމަށާއި އެ ތަފާތުތަކާ އެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ތަފާތު ގާބިލުކަމެއް ހުންނާނެ ކަމަށެވެ.

ކަން އެހެން ހުރުމުން މުއައްސަސާތަކާއި މައިންބަފައިން ވެސް މަސައްކަތްކުރަންވީ ކުދިންގެ ކިބައިގައި ހުރި ގާބިލުކަން ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާތް ﷲ އަޅުގަނޑުމެން ކޮންމެ މީހަކަށް ދެއްވި 20 އިނގިލި ވެސް، އެއް އިނގިލި އަނެއް އިނގިއްޔާ ތަފާތު. އެހެންވިޔަސް، އެއިން ކޮންމެ އިނގިއްޔަކީ އޭގެ ޒާތުގައި މުހިންމު ގުނަވަނެއް. ހަމަ އެ ތަފާތު އަޅުގަނޑުމެންގެ އިންސާނުންގެ މެދުގައިވެސް ހުންނާނެ. އެ ތަފާތާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ތަފާތު ގާބިލުކަމެއް ހުންނާނެ."

ރައީސްގެ ވާހަކަފުޅުގައި މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި އެވެ.