ތިލަމާލޭ ބްރިޖު މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ތޯ ބަލަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ވިލިމާލޭ ފަރަށް އެރި ބްރިޖް ސާވޭ ޕްލެޓްފޯމް އެތަނުން ނަގާނެ ކަމަށް އެފްކޮންސް އިން ބުނި މުއްދަތު ފަހަނައަޅައި ދިޔައިރުވެސް، އޭތި އެތަނުން ނުނެގުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަމާލޭ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސަކީ ދެވަނަ ޖީއެމްއާރު ކަމަށެވެ.
ނުބައި ތަނބެއް ޖެހުމުގެ ކުރިން ކޮންޓްރެކްޓަރަކީ އެކަހަލަ މަސައްކަތެއް ކުރިން ކުރި ބައެއްތޯ ބަލަންޖެހޭ ކަމަށާއި އެއީ ފެށި މަޝްރޫއެއް ނިންމި ބައެއްތޯ ވެސް ބަލަންޖެހޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ސައްކަތް ދަންނަ ރާއްޖެއާއި ބޭރުގެ ފަންނީ ބޭފުޅުންގެ މިނިވަން ލަފާ އެކަމުގައި ހޯދަންޖެހޭ ކަމަށެވެ.
ސައީދު ޖީއެމްއާރުގެ ވާހަކަ ވިދާޅުވެފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ޖީއެމްއާރާ ހަވާލުުރި ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް އެއާޕޯޓް ތަރައްގީ ކޮށްފައިނުވާތީ އެވެ. އަދި ޖީއެމްއާރުގެ އެގްރީމެންޓްގެ ސަބަބުން ދިވެހިންނަށް ބޮޑެތި ގެއްލުތަކެއް ލިބިގެން ގޮސްފައިވާތީ އެވެ.
މީގެ ހަފްތާއަކަށްވުރެ ގިނަ ދުވަސް ކުރިން ވިލިމާލޭ ފަރަށް އެރި ބްރިޖް ޕްލެޓްފޯމު ދެ ދުވަހުގެ ތެރޭގައި ނަގާނެ ކަމުގެ ޔަގީންކަން، އެފްކޮންސް ކުންފުނިން ދީފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެކަމަކު އަދިވެސް އެ ސާވޭ ޕްލެޓްފޯމު ވިލިމާލޭ ފަރު މަތީގައި އޮތް އިރު، އޭތި އެތަނުން ނެގުމުގެ އެއްވެސް މަސައްކަތް ކުރާތަނެއް އެ ސަރަހައްދަކުން ނުފެނެ އެވެ.
އެފްކޮންސް އިން ބުނީ އެ މަސައްކަތް ނުކުރެވިގެން އުޅެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ ފަރަށް އެރި އެ ޕްލެޓްފޯމުގެ ސަބަބުން މިހާރުވެސް ވިލިމާލެ ފަރަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ. އޭތި އެތަނުން ނެގުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެކި ޖަމިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.