މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭ ކަމަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން ސަރުކާރުން ވައުދުވެފައިވާގޮތަށް މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމީ ލިބުނު ކުރިއެރުމެއްކަމަށެވެ.

ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލޭގައި ދެ ހަފްތާއަށް ޓްރަޔަލް ދަތުރުތައް ކުރިއަށް ދާނެ އެވެ. އެ ދެ ހަފްތާގައި ދަތުރުތައް ހިލޭ ކުރެވޭނެެ އެވެ. އަދި ބަހުގެ ހިދުމަތް ހޯދާ ތިން އަހަރުގެ ދަށުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިން ޔުނީފޯމްގައި ކުރާއިރު، ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މާލޭގައި މިނީ ބަސް ދުއްވާނެ ރޫޓުތަކާއި ބަސް ހުއްޓިތައް އަދި އެ ހިދުމަތާ ގުޅޭ ބައެއް މައުލޫމާތު ހިމެނޭ ވީޑިއޯއެއް ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ އާންމުކޮށްފަ އެވެ.

މި ހިދުމަތް ދިނުމާ ގުޅޭ ފަރާތްތަކުގެ ބައިވެރިވުމާ އެކު މިދިޔަ މަހު 20 އިން ފެށިގެން މިނީ ބަހުގެ ޓެސްޓު ބުރުތަކެއް ވަނީ ފަށާފަ އެވެ.

މިއަދު އާންމުކުރި ވީޑިއޯގައި ބުނާ ގޮތުން، މިނީ ބަހުގެ ޓިކެޓަކަށް ނަގާނީ 7ރ. އެވެ.