ހުޅުމާލޭގައި ޑްރިފްޓުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވާނީ ސަރުކާރުގެ ވުޒާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށާއި ނަމަވެސް ބަޔަކުގެ ނުފޫޒުގެ އެ ހުއްދަ މިހާރު ބާތިލުކޮށްފައިވާ ކަމަށް ޑްރިފްޓް އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޑްރޭގް ރޭސިންއަކީ ޑްރިފްޓްކުރުމާއި ވަރަށް ތަފާތު ކުޅިވަރެއް ކަމަށާއި ރޭސް ޖެހުމަށް ޓްރެކެއް ނުވަތަ ދިގު މަގެއް ބޭނުންވިޔަސް ޑްރިފްޓް ނުވަތަ ސްޓަންޓް ހަރަކާތަށް އެވަރުގެ ބޮޑު ޖާގައެއް ބޭނުންނުވާ ކަމަށެވެ.

ޑްރިފްޓް އެސޯސިއޭޝަނުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޕޮލިސްޓޭޝަން ކާރީގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ފުލުހުންނާ އެއްވެސް ކުރިމަތިލުމެއް ވެސް ހިންގާފައި ނުވާނެ ކަމަށެވެ.

އެގޮތުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދާ ހަރަކާތުގެ ތަފްސީލު ދެމުން އެ އެސޯސިއޭޝަނުން ބުނީ "ތާޒްޑޭ ނައިޓް" އިވެންޓަކީ ފުވައްމުލަކު މޮޓޯ ސްޕޯޓްސްއިން ޔޫތް މިނިސްޓްރީގައި އެދިގެން އެޗްޑީސީއިން ދިން ހުއްދައެއްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ.

ނަމަވެސް ފަހުން ޑްރިފްޓް އެސޯސިއޭޝަން ވުޖޫދަށް އައުމަށްފަހު އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ އެސޯސިއޭޝަންގެ ބައިވެރިވުމާ އެކީގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ ބުރާސްފަތި ދުވަހުގެ ހަރަކާތުގައި ބައިވެރިވާ ގިނަ ކާރުތަކަކީ އާއްމުކޮށް މާލޭ މަގުތަކުގައި ދުއްވާ ކާރުތަކެއް ނޫން ކަމަށާއި އެއީ ހަމައެކަނި ހުކުރު ވިލޭރޭގެ ހަރަކާތުގައި ބައިވެރިވާން ނިކުންނަ ކާރުތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނުން އެ ކުޅިވަރު ހަރަކާތް ކުރިއަށް ގެންގޮސްފައި ވާނީ ސަރުކާރުގެ ވުޒާރާތަކުން ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށާއި ނަމަވެސް ބަޔަކުގެ ނުފޫޒުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިން އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަން ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ ތިން އަހަރު އެ ހަރަކާތް ކޮންމެ ހަފްތާއަކު ކުރަމުން ގެންދިޔައިރު މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ކުއްލިއަކަށް އެ ހަރަކާތަށް ދީފައިވާ ހުއްދަ ކުއްލިއަކަށް ބާތިލްކުރި ކުރުމާއި ދޭތެރޭގައި ސުވާލުތަކެއް އުފެދޭ ކަމަށެވެ.

އެ ހަރަކާތް ގެންދަނީ ރޭގަނޑު ވަގުތަކަށް ވިކަމުގައި ވީނަމަވެސް އެކަން ކުރަމުން އަންނަނީ ސިނާއީ ސަރަހައްދެއްގައި ކަމަށާއި ސަރަހައްދު ކަނޑައެޅުމުގައި ހުޅުމާލޭ ފުލުހުންގެ އިސް ބައެއް ފަރާތްތަކާއި އެޗްޑީސީ އަދި އެ ދެ އެސޯސިއޭޝަންގެ މެންބަރުން މަޝްވަރާ ވެސް ކޮށްފައިވާ ކަމަށް އެ ޑްރިފްޓް އެސޯސިއޭޝަނުން ބުންޏެވެ.