ތަރައްގީގެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަޢޫދީ ޢަރަބިއްޔާއަކީ ނަމޫނާ ގައުމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 92 ވަނަ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެކުލަވާލެއްވި "ވިޝަން 2030" މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ގާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާ އެކު އެ ޤައުމަށް ހާސިލުކުރެވޭ ކަންތައްތައްކަން ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި "ވިޝަން 2030" އިއުލާނުކުރުމަށް ފަހު ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، އެ ގައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ހޯދައިދިނުމަށާއި އަދި ގައުމުގެ އިގްތިސާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެ ޤައުމުން ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެގައުމުގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ގައުމުން ޙިއްޞާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. އެގޮތުން މުސްލިމް ދެ ގައުމެއްގެ ހައިސިއްޔަތުން، ސައޫދީ އަރަބިއްޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަގާފަތާއި، އަދި ތާރީހީ ގޮތުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ގައުމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ އަދި ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ހައްޖާޖީންނަށް ދިން އަހައްމިއްޔަތުކަމަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ފައިސަލްގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމާއި ފަހިކޮށްދެއްވާފައިވާ ފުރުސަތުތައް ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމުގައި ވިދާޅުވި އެވެ. އަދި ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މުހިންމު ބައިވެރިއެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމުގައި ސައުދީ ޢަރަބިއްޔާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މެދުގައި ބާއްވަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބާގެ ހެޔޮއެދުންތައް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް އާލް-ސައުދާއި ސަޢޫދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ.