ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމަގީރް އާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުން ކޮށްގެން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފި އެވެ.

އެމަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދިޔަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ކަމުގައި ވިޔަސް ވަނަވަރު ހާމަކޮށްފައިވަނީ ތިން މީހުންގެ އެވެ.

ދެ މީހުންގެ މައުލޫމާތު ހާމަނުކުރީ އެ މީހުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ދޫކޮށްލުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ބަންދުގައި ތިބީ ބ. ދަރަވަންދޫ އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި، ބ. ދަރަވަންދޫ ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

އެ މީހުންގެ ތެރެއިން ހަމްދޫން އާއި މުހައްމަދު މިހާދު މުސްތަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހު އެވެ. ހަމްދޫންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ. މައުމޫން މޫސާ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.