މި ސަރުކާރުން ވެފައިވާ ވައުދުތައް ދުވަހުން ދުވަހަށް ފުއްދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ހދ.ނައިވާދޫ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދެއްވި އެންމެބޮޑު ޔަގީންކަމަކީ ހަމަ ހަމަކަމާއެކު ކޮންމެ ރަށަކަށްވެސް، އަތޮޅަކަށްވެސް، ސިޓީއަކަށްވެސް ހިދުމަތްކޮށްދެއްވުންކަމަށެވެ. މިމަސައްކަތުގެ ތެރެއިން ނައިވާދޫގައި ފެނުގެ ނިޒާމު ގާއިމް ވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހިލަޔަކަސް، ހިލަ ވެއްޔަކަސް، ވަޅުލާ ހޮޅިއަކަސް ފިޓިންނަށް ބޭނުންވާ ކޮންމެ އެއްޗަކަސް ގެންނަން ޖެހިފައި އޮތީ ބޭރުން. ނަމަވެސް ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވުމާ ގުޅިގެން މިތަކެތި ރާއްޖެއަށް ގެނައުމަށް ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެންދިޔަ. އެ ދައްޗާ އެކީގައި ޕްލޭނިން މިނިސްޓްރީއާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއެކު އެ ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވައުދުތައް މިއަންނަނީ ދުވަހުން ދުވަހަށް ބަރާބަރަށް ފުއްދެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭނީ މެނިފެސްޓޯތަކުގައި ލިޔެގެން ނޫންކަމަށެވެ. ތަފާތު ކުރުމެއްނެތި ކުޑަރަށެއް، ބޮޑުރަށެއްނެތި ފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްހަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ނައިވާދޫގެ ލާފުރުމުގެ ދަތިކަމާއި ބިމުގެ ދަތިތައް އެރަށުގެ ކައުންސިލުން މިއަދު ރައީސްއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.