ފިނޭންސް މިނިސްޓަރުގެ ނައިބުކަމުން މުހައްމަދު ފިރުޒުލް ފިރާޒް އިސްތިއުފާ ދެއްވައިފި އެވެ.

ފިރުޒުލް އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވައި އޭނާ ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ.

އެ ޓުވީޓްގައި އޭނާ ސަރުކާރަށް އެއްބާރުލުން ދޭނެކަން ފާހަގަކޮށްފައިވާއިރު، ސަރުކާރަށް އޭނާގެ ތާއީދު އަދިވެސް އޮތްކަން ހާމަކޮށްފައިވެ އެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

އޭގެ އިތުރުން ފިރުޒުލް ވަނީ އޭނާއަށް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޝުކުރު ދަންނަވައިފަ އެވެ.

"ސަރުކާރު ވިޝަންއަށް އަޅުގަނޑަށް ތާއީދު އެބައޮތް. އެއްބާރުލުން ދޭން އަދިވެސް ހުންނާނަން،" ފަރުޒުލް ކުރި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ވަކިވިއިރު ފިރުޒުލްއަކީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ ވިލިމާލެ ދާއިރާގެ ރައީސް އެވެ.