އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ މަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެހެންމެ ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވަނީ މިދައުރުގައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން ވަނީ ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް ރައީސްގެ އަރިހުގައި ފާހަގަކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން ދެއްވަމުންގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.