އެމްއެމްޕީއާރުސީ މައްސަލައިގައި މިހާރު ކުރަންވީ އެންމެ މުހިންމު ކަމަކީ މި މައްސަލާގައި ޝާމިލުވާ ބޮޑުންނަށް ލުއިދިން މީހުންނާއި، އެއްބަސްވުންތައް ހެދި މީހުންގެ މައްސަލަތައް ބެލުން ކަމަށް ކުރީގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު ފަސް މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށްޓަކައި، އެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް އޭސީސީން ބުނުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގެ މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު އަލަށް ދައުވާ ކުރުމަށް މަސައްކަތް ކުރަމުންދާ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ގެއްލުނު ފައިސާ ހޯދޭނެ ކަމަކަށް ނުފެންނަ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުން ވައްކަން ކުރި ބޮޑުންނަށް އާދަޔާހިލާފު ލުއިތަކެއް ލިބޭ ގޮތަށް ޕީޖީ އޮފީހުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ހެދީ ޖިނާއީ އިޖުރާތު ގާނޫނުން ބޭރުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އޭގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދިފައެއް ނެތް. ކުރިއަށް އޮތް ތަނުގައި ހޯދޭނޭކަމުގެ އުންމީދެއް ވެސް ނެތް. އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި ބޮޑުންގެ މައްޗަށް ބައެއް ދައުވާތައް ނުކުރެވޭ ގޮތަށް، އަދި ދައުލަތަށް ލިބެންޖެހޭ ފައިސާވެސް ނުލިބޭ ގޮތަށް އެމީހުންނާއެކު އެއްބަސްވުންތައް ހެދި މީހުންގެ މައްސަލަ ބެލުން މާ ރަނގަޅުވާނެ ކަމަށް ފެނޭ،" މުއިއްޒު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކު ވެސް ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތް ހިންގި މީހުން ދެނެގަނެ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ހާއްސަކޮށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ އިރު، ހިޔާނާތުގެ މައްސަލަތައް ބަލަމުން އަންނަނީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ. އެހެން ނަމަވެސް ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވާއިރު ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، މުގުލުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ.
???? ގެ ރަގަޅު ވާހަކައެއް އެބުނާ މުޖުރިމުންނާއި އެކު އެއްބަސްވުން ހެދިމީހުން ހަދާފައިވާ އެއްބަސް ވުމަކީ ދައުލަތަށް ބޮޑު ގެއްލުން ލިބޭގޮތަށް ހަދާފައިވާ ކޮރަޕްޓް އެއްބަސްވުމެއް !