ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގަ އެވެ.
ރައީސް ފޮނުއްވެވި ތަޙުނިޔާގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ހަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.
ރައީސް ޙިޠާބުގައި ވަނީ، ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ. އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، މާތް ﷲ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހޭކަމަށެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.