މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ދޫކުރާ ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާއިރު މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލި މި ދެ ސްކީމަށް މިހާތަނަށް އައިރު 20،000 އާ ގާތް ކުރާ އަދަދަކަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
ގެދޮރުވެރިން ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަންގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިގުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ" ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ހިޔާރުކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި ފޯމް ހުށަހެޅުމުގެ ވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުން ވެސް ހުށަހަޅުއްވާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ “Submitted” ތޯ ޔަގީން ކުރެއްވުމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތު މާދަމާރޭ 23:59 އާ ހަމައަށް އޮންނާނެ އެވެ.
މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. މި ސްކީމްތަކުން ގޯއްޗާއި ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހައަޅަން ޖެހެނީ ގެދޮރުވެރިން ޕޯޓަލް (https://gedhoruverin.gov.mv) މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ފޯމު ހުށަހަޅައި ފޯމުގައި ހުރި މައުލޫމާތު ސައްހަތޯ ވަގުތު އޮއްވައި ޔަގީންކުރުމަށް ހައުސިން މިނިސްޓްރީން އެދެ އެވެ.
ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓަށާއި 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނެވެ. ބާކީ 2،000 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅުންނެވެ.
ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.