ހެންވޭރުގެ ގެއެއްގައި ބަނގުރާ ކެއްކި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހުންކަން ހާމަވެއްޖެ އެވެ.

އެ ދެމީހުންގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހާފައިވާއިރު، ކޯޓު އަމުރުގައި އެއީ އިންޑިއާ ދެމީހުންކަން ހާމަކޮށްފައިވެ އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ބަނގުރާ ބޭނުންކޮށް ގެންގުޅޭ އެ ތަކެތީގެ ވިޔަފާރި ކުރާ މައްސަލައިގަ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެމީހުން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިިބިފައިވުމުންނާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ތުހުމަތު ކުރެވޭ މައްސަލައިގައި ބޭނުންކޮށްފައިވާ އާލާތްތަކުގެ މަންޒަރާއި ފޮޓޯ ހުށަހެޅުމަށްފަހު ކަމަށެވެ.

ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުން ދުން އަރާތީ އެކަން މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 6:12 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ ޝަކުވާ ފުލުހަށް ލިބުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެ ގެއަށް ގޮސް ދޮރުގައި ޖެހުމުން އެއްވެސް މީހަކު ދޮރުނުހުޅުވި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން ގެއަށް ވަތް ކަމަށާއި އެ ގެއިން އަރަމުންދިޔަ ދުމަކީ އެ ގޭ ތެރޭގައި ބަނގުރާ ކައްކާތީ އަރަމުން އައި ދުންކަން އެނގުނު ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ބަނގުރާ ކައްކަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އެ ގޭ ތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.