ޗާގޯސް އައިލޭންޑްސް ނޫނީ ފޯޅަވައްސަކީ މި ވަގުތު އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ހޫނުވެފައިވާ ޗާގޯސް މައްސަލައާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވައްސަކީ މި ވަގުތު އެއްވެސް ގައުމުގެ ތަނަކަށް ނުވާ އިރު، އެތަން ބަލަހައްޓަނީ އިނގިރޭސީން ކަމަށެވެ. އެކަމަކު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ފޯޅަވައްސަކީ ޗާގޯސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޯސް ބެންހޯސްގެ ނަމުން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅުނު ތިޔާގި ރަށެއް ކަމަށެވެ. އަދި 1500 ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ގިނަ ދިވެހި ރާއްޖޭގެ ޗާޓުތަކުގައި އައްޑޫގެ ދެކުނަށްވާ އަތޮޅަކީ ފޯޅަވަހި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި އެ ރަދުން ބަޔާން ކުރައްވަނީ ފޯޅަވަހީގެ 7 ރަށް އެއީ ރާއްޖޭގެ ރަށްރަށް ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ މައްސަލައިގައި މޮރިޝަސްކޮޅަށް ސަރުކާރުން ވޯޓުދޭން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.